ދިވެހިންނަކީ އަބަދުވެސް މަސައްކަތްތެރި، އަމިއްލަ ހުނަރުން ދިރިއުޅުމުގައި ކުރިއަށްދާ ބައެކެވެ. އެ މަންޒަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެންދެއެވެ. ހާއްސަކޮށް ދިވެހި ކަނބަލުންނަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ދިރިއުޅުން އާރާސްތު ކުރާ ބައެކެވެ. އެގޮތުން ފެހުމުގެ ދާއިރާއަކީ ދިވެހި ކަނބަލުން އެ ދާއިރާއަކުން އެންމެ ގިނަ އިން ފެނިގެންދާ އެއް ދާއިރާ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މި މަސައްކަތަކީ ގޭގައި ތިބެގެން ވެސް ފަސޭހަކަމާއެކު ކޮށްލެވޭ މަސައްކަތަކަށް ވާތީ އާމްދަނީ ހޯދަން ފެހުމުގެ މަސައްކަތް ކުރާ ވަަރަށް ގިނަ ދިވެހިން ތިބެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްގެންދާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުން ލޮލުގައި އަޅައިގަތީ އާމިނަތު ވިިލީނިޔާ (ވިލީ) ގެ ސްޓޯލެވެ. އެ ސްޓޯލްގައި އޭނާގެ ބައެއް ޑިޒައިންތަކާއި ފެހުމަށް އެހީތެރިވުމަށް ނެރެފައިވާ "ފުރަތަމަ ފަތި" ފޮތް އަތުރާލާފައި ހުއްޓެވެ.
ފެޝަން ޑިޒައިނަރެއް ކަމަށްވާ ވިލީ ފެހުމުގެ ތެރޭގައި އުޅޭތާ މިހާރު 15 އަހަރު ވެއްޖެއެވެ. "ވަގުތަށް" ދިން އިންޓަވިއުއެއްގައި ވިލީ ބުނީ އެ މަސައްކަތައް އޭނާއަށް ވަދެވުނީ މަންމަގެ ފަރާތުން ކަމަށެވެ.
"ފެހުމުގެ ތެރޭގައި އުޅޭތާ 15 އަހަރު ވެދާނެ. ފެހުމުގެ ތެރެއަށް ވަދެވުނީ މަންމަގެ ފަރާތުން. އަޅުގަނޑު އެންމެ ކުޑައިރުއްސުރެ މަންމަ ފަހާ ހަދާ ތަން ފެނޭ. ހޭންޑް އިންބްރޮޑަރީގެ މަސައްކަތް މަންމަ ބޮޑަށް ކުރަނީ. އެހެންވެ އެކަމަށް ޝައުގުވެރިކަން އުފެދި، ފެހުމުގެ ތެރެއަށް ވަދެވުނީ. ގާތްގަނޑަށް އުމުރުން 13 އަހަރުގައި އެއީ. އެންމެ ފުރަތަމަ ހެދުމުގައި ކުޑަކުޑަކޮށް ސްޓިޗް ޖެހުމުގެ މަސައްކަތް ކުރީ."
"ފުރަތަމަ ފަތި" ފެހުމަށް އެހީތެރިއެއް
ވިލީ ކިޔައިދިން ގޮތުގައި ފަހާ ކޯހެއް ހިންގުމަށް ވަރަށް ގިނަ މީހުން އޭނާ ކައިރީގައި އެދެއެވެ. ނަމަވެސް ވަގުތު ނުވާތީ އެ މަސައްކަތް އަދި ނުކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ކޯހެއް ފެށުމުގެ ކުރިން ފެހުމަށް އެހީތެރިވެދޭނެ ފޮތްތަކެއް ނެރުމަށް އޭނާ ބޭނުންވިއެވެ. އެގޮތުން މިހާރު އޭނާ ވަނީ "ފުރަތަމަ ފަތި" ގެ ނަމުގައި ފޮތެއް ނެރެފައެވެ. އެ ފޮތަކީ ފެށުން ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ފޮތްތައް ނެރޭނެކަމަށް ވިލީ ބުންޏެވެ.
"ވަރަށް ގިނަ ބޭފުޅުން ރިކުއެސްޓްކުރޭ ކޯސް ހިންގަން. އަޅުގަނޑަށް ވަގުތު ނުވާތީ ހިތަށް އެރީ ފުރަތަމަ ފޮތްތަަކެކޭ ހަދާނީ. އޭރުން ކުޑަ ވޯކްޝޮޕެއް ކުރިއަށް ގެންދިޔަސް ރިފަރެންސްއަކަށް ބެހެއްޓޭނެ ދެއްތޯ. އެގޮތުން ފުރަތަމަ ހަމަ ބޭސިކް ފޮތެއް މި ނެރުނީ." ވިލީ ބުންޏެވެ.
ވިލީގެ "ފުރަތަމަ ފަތި" ފޮތުގައި ހިމެެނެނީ ފަހާފޮއްޓާ ގުޅޭ މައުލޫމާތެވެ. އަފި ފެހުމަށް ބޭނުންކުރާ ހުރިހާ ތިނޯސްތަކެއްގެ މައުލޫމާތު ވެސް ހިމެނެއެވެ. ފަހާއިރު މިންނަގާނެ ގޮތްތަކާއި ހަތަރު އެތި ފަހާނެ ގޮތް ވެސް އެ ފޮތުގައި ހިމެނެއެވެ.
އެ ފޮތަކީ ދިވެހި ބަހުން ނެެެރެފައިވާ ފެހުމަށް ހާއްސަ ފޮތެކެވެ. ފޮތުގައި ދިވެހިބަހުން ކިޔައިދީފައި ހުރުމުން ދެނެގަތުމަށް ވަރަށް ފަސޭހަ ކަމަށް ބުނެ ފީޑް ބެކްސް ލިބިފައިވެއެވެ. އަދި އެ ފޮތް ވަރަށް ރަނގަޅު ކަމަށް ބުނެ ތައުރީފް ލިބިފައިވާ ކަމަށް ވިލީ ބުންޏެވެ.
ނަގަނީ މަދު ކަސްޓަމަރުން، ކުރަނީ ކޮލިޓީ މަސައްކަތް
"ވިލީ ކަލެކްޝަންސް" ގެ ނަމުގައި ވިލީނިޔާ ގެންދަނީ ސްޓޫޑިއޯއެއް ހިންގަމުންނެވެ. އެހެންކަމުން ވޯކްއިން ކަސްޓަމަރުން ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
"އިންސްޓަގްރާމް މެދުވެރިކޮށް ނުވަތަ މީހެއްގެ ފަރާތުން އެނގިގެން ރީޗް އައުޓްވާ މީހުންގެ އޯޑަރުތައް މި ނަގަނީ. ބޮޑަށް ފަހަނީ ޕާޓީ ވެއާ. ހާއްސަ މުނާސަބަތުތަކަށް. އަދި ބްރައިޑަލް ހެނދުން." ވިލީ ބުންޏެވެ.
ވިލީ ބުނި ގޮތުގައި އޭނާއަށް ވަރަށް ގިނަ އޯޑަރުތައް ލިބެއެވެ. ނަމަވެސް އެހާ ގިނަ ކަސްޓަމަރުން ނުނަގާކަމަށް އޭނާ ބުންނެވެ. ފަހާ އެއްޗެހި ބަލަނީ އެންމެ ފުރިހަމައަށް ފަހާދެވޭތޯ ކަމަށާއި އޯޑަރު ނަގަނީ ކޮންމެ ހެދުމެއް ރަނގަޅަށް ފެހުމަށް ވަގުުތު ބައިންދާފައި ކަމަށް ބުންޏެވެ.
"ވަރަށް ރަނގަޅު މީހުންގެ ފަރާތުން ލިބޭ ފީޑްބެކް. އާދޭ ހަމަ އަޅުގަނޑު ކައިރިއަށް ފަހަން. އެގޮތަން ވަރަށް ގިނަ ރިކުއެސްޓް ވެސް އާދޭ. ވަޒީފާއަކަށް ދަމުން ފެހުމުގެ މަސައްކަތް ވެސް ކުރަނީ. ފެހުމަކީ އަޅުގަނޑުގެ ޕެޝަން. އެހެންވީމަ މިކަން ހުއްޓާލާކަށް ބޭނުމެއް ނުވޭ." ވިލާ ބުންޏެވެ.
އެކްސްޕޯއިން އިތުރު ހިތްވަރެއް
ވިލީ ބުނިގޮތުގައި އުފެންދުނެރިންގެ އެކްސްޕޯއިން ވަރަށް ގިނަ މީހުންގެ ހުނަރުތައް ފެނިގެންދެއެވެ. އަދި އެއީ ފަރާތްތަކުގެ ވިޔަފާރިތަކަށް އެކްސްޕޯޝާ ލިބިގެންދާ ޕްލެޓްފޯމެއް ކަމަށް އޭނާ ބުންޏެވެ. އެ މަސައްކަތްތައް ބަލައިގަނެ އެޕްރިޝިއޭޓްކުރުމުން އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށް ވިލީ ބުންޏެވެ.
"މިސާލަކަށް އަޅުގަނޑުގެ ފޮތް މިއީ ރާއްޖޭގައި ފެހުމާ ގުޅޭގޮތުން ނެރުނު ފުރަތަމަ ފޮތް. އަޅުގަނޑަށް ލިބުނު މައުރަޒުން އުނގައިދިނުމުގެ ކެޓަގަރީއިން ދެވަނަ. ދެން ފަހަރަކުން އެއް ވަނަ ހޯދުމަށް އެއީ ލިބުނު ހިތްވަރެއް." ވިލީ ބުންނެވެ.
ވިލީ ބުނި ގޮތުގައި ފެހުމުގެ ދާއިރާއަކީ ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ދާއިރާއެކެވެ. އެ ދާއިރާގައި މިހާރު ގިނައީ ބޭރު މީހުން ކަމަށާއި އަސްލު ދިވެހިން ފަހާނަމަ މާރަނގަޅުވާނެ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ދިވެހި ޒުވާނުން އިސްނަގައިގެން ފެހުމުގެ ދާއިރާއަށް ވަނުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ފާހަގަކުރިއެވެ.