ޙާލަތު

Sponsored

Website cover image

ރަސްމާލެ އާއި ޒަޔަނިޒަމާ ގުޅުވައި ދައްކަނީ ސާބިތު ނުހިފޭ ވާހަކަ: ނަޝީދު

8 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
154
ބަލާފައި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު އާއި ޒަޔަނިޒަމްއާ ގުޅުވައި ދައްކަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރަށް ވާހަކަ ދެއްކެވި ބައެއް މެމްބަރުންނަށް ރައްދު ދެއްވައެވެ.

ގައުމީ މަޖިލިހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީޕީގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވީ ރަސްމާލެ މަޝްރޫއުއާއެކު، ރާއްޖެއަކީ 900 އަހަރުވީ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށާއި އެކަން މިއަދު ނޫނީ މާދަމާ ނުފެނުނަސް، ދަރިންގެ ދަރީންނަށް އެކަން ފެންނާނެ ކަމަށެވެ. ރަސްމާލެއަށް ގެންނަން އުޅެނީ ފޮރިން އިންވެސްޓްމަންޓެއް ނޫން ކަމަށާއި މިއީ ދިވެހި މުސްލިމުންނާއި ޣައިރު މުސްލިމުން މަސްހުނި ކުރަން އުޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ރާއްޖޭގައި ޣައިރު ދީން ވެއްދުމަށް ކުރާ ކަމެއް." ޝާތިރު ވިދާޅުވިއެވެ.

ޝާތިރުގެ ވާހަކައަށް ރައްދު ދެއްވައި، ވިދާޅުވީ "ވާނެ ކަމަށް ވިދާޅުވާންވާނީ އަޅުގަނޑުމެންނަށް ސާބިތު ހިފޭ" ވާހަކަތައް ކަމަށެވެ. ސާބިތު ނުހިފޭ ވާހަކަތައް ވެދާނެ ގޮތަށް ވާހަކަ ދައްކަވަން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބަހުސްގައި ބައެއް މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އީގަލް ހިލްސްއަށް ރަސްމާލެ 99 އަހަރަށް ދޭ މައްސަލައެވެ. އަދި ރަސްމާލޭގައި ޔަހޫދީން ނުުވަތަ ޒަޔަނިސްޓުން ވަޒަންވެރި ކުރުވައި، އުޅޭ ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

އެކަމަކު، އެ ދެ ކަމުގައި ވެސް ނަޝީދު ވަނީ ރައްދު ދެއްވައި، ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އިސްލާމް ދީނާ ގުޅުވައި މި ޕްރޮޖަކްޓަށް، އަދި ޒަޔަނިޒަމާ މި ޕްރޮޖެކްޓާ ގުޅުވައި ތި ދައްކަވާ ވާހަކަތަކަކީ ސާބިތު ހިފޭ ވާހަކަތަކެއް ނޫން، މި ޕްރޮޖެކްޓާ ގުޅިގެން ރާއްޖޭގެ އިސްލާމް ދީން ގުޅިގެން ނުވަތަ ދިވެހިންގެ ދީނީ އަގީދާ އަށް އަންނަންވީ އެއްވެސް ބަދަލެއް ސާބިތު ހިފޭ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭކަށް ނޯންނާނެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުގެ ޖަލްސާގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ވަޒަންވެރިވެގެން އުފެދިފައި އޮތް އާބާދީއެއްގެ "ފަހުރުވެރި ދިވެހި ދަރިން" ކަމަށެވެ.

"ބައެއް ބޭފުޅުން (އަހާ) 100 އަހަރު ވީމާ ކިހިނެއްތޯ ވާނީ؟ އަޅުގަނޑު އަޑު އަހާފައި އޮތް ގޮތުގައި، އަޅުގަނޑަށް އެނގިފައި އޮތް މިންވަރުން... ހޯރަފުއްޓަށް މީގެ 300 އަހަރު ކުރީގައި އައި ތިން ނާ. އޭގެ ތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރީ، އަނެއް ނާ ދިޔައީ ދުވާފަރަށް. ދެން އިއްޒަތްތެރި ރައީސް ހޯރަފުށީ ދާއިރާގެ ރައީސް (ސަލީމް) ތިއީ އެ ނާއިން ވަޑައިގެންނެވި ބޭފުޅުންގެ އާއިލާއެއްގެ ބޭފުޅެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. އެހެންވީމާ، މި 100 އަހަރު ވީމާ ވެގެން ގޮސްދާނެ ގޮތަކަށް އަޅުގަނޑަށް މި ވިސްނައިލެވުނީ"

ޕީއެސްއެމާއި ރައީސް އޮފީހުން ގުޅިގެން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ވިދާޅުވީ ރަސްމާލޭގައި އިސްރާއީލް ރައްޔިތުން ނޫނީ ޒައިނިސްޓުން ވަޒަންވެރިވާ ގޮތަށް ކަންކަން ކުރަން އުޅޭ ކަމަށް ބުނެ ދައްކަވާ ވާހަކައަކީ ސިޔާސީ ވާހަކައެއް ކަމަށާއި އެކަމުގައި ހަގީގަތެއް ނެތް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އިސްރާއީލްގެ ރައްޔިތުންގެ ހައްގުގައި މިއަދާ ހަމައަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރައްވަނީ އެމަނިކުފާނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

އީގަލް ހިލްސް ކުންފުނިން ހިންގާ ބޮޑު މަޝްރޫއު ނިމި، ހިދުމަތަށް ގެނެވުނަސް އެތަނުގައި ރަލެއް ނުވިއްކާނެ ކަމަށާއި އޫރު މަހާއި ކެސީނޯ ވެސް ނުހުންނާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރަސްމާލޭގެ އެއްބައިގައި ހިންގުމަށް ފުރުސަތު ހުޅުވާލާފައި އޮތް އިންވެސްޓްމަންޓަކީ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި މިކަމުގައި ރައްޔިތުންނަށް އޮތީ ފައިދާ ކަމަށެވެ.