މިއަހަރުގެ ނަސްރުގެ ދުވަހާ ދިމާކޮށް އިސްލާމީ މަރުކަޒުގައި ކުރި ފަތިސް ނަމާދުގެ ޖަމާއަތުން ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފަށައިފިއެވެ.
ފަތިސް ނަމާދުގެ ޖަމާއަތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އާއި އެމްއެންޑީއެފްގެ އިސްވެރިންނާއި ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ފަތިސް ނަމާދުގައި ގިނަ އަދަދެއްގެ ސިފައިން ވެސް ވަނީ ބައިވެރިވެފައެވެ.
ފަތިސް ނަމާދަށް ފަހުގައި ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮތެވެ. ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިރޭ ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާގައި ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑް ތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ނަސްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެ ކަމަށެވެ.
ހަމައެއާ އެކު، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، ކުޑަކުދިންގެ ހަވީރު، ހއ.ދިއްދޫއާއި، ހއ.ބާރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިއްދޫއަކީ، 3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް އުމަރު އަހުމަދު ނިސްބަތްވާ ރަށެވެ. އެރަށުގައި ނޮވެމްބަރު 13 އަދި 14 ވަނަ ދުވަހު ހަރަކާތްތައް ކުރިޔަށްގެންދަން ނިންމާފައިވާއިރު، ބާރަށުގައި ހަރަކާތްތައް ބާއްވަން ނިންމާފައިވަނީ ނޮވެމްބަރު 20 އަދި 21 ވަނަ ދުވަހުގައެވެ.
ބާރަށަކީ، 3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ހުސައިން ނިސްބަތްވާ ރަށެވެ.