ޙާލަތު

Sponsored

Website cover image

މައުތު ވޮޝް ބޭނުންކުރުން: ފައިދާއެއްތަ ނުވަތަ ނުރައްކަލެއްތަ؟

6 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
400
ބަލާފައި

އަނގައިގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ގިނަ ބަޔަކު މައުތުވޮޝް ބޭނުންކުރަމުން އަންނައިރު، މީގެ ސަބަބުން އަނގަޔަށް ފައިދާހުރި ބެކްޓީރިއާތައް ނެތިގޮސް، ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތަކެއް ދައުރުވަމުންނެވެ. ހަކުރުބަލީގެ ދެވަނަ ބާވަތާއި، ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި، ހިތުގެ ބަލިތައް ފަދަ ނުރައްކާތަކާ މައުތުވޮޝްއާ ގުޅުވައިގެން ދައްކާ މި ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ.

މި ދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި، އާންމުކޮށް ފިހާރަތަކުން ލިބޭ މައުތުވޮޝްއެއް މަދު ފަހަރަކު ބޭނުންކުރުމަކުން އަނގައިގެ އަދި އާންމު ސިއްހަތަކަށް މާބޮޑު ގެއްލުމެއް ނުލިބޭނެއެވެ. ނަމަވެސް، ގެއްލުން ދިމާވަނީ ވަކި ބާވަތްތަކެއްގެ މައުތުވޮޝް ދުވާލަކު އެތައް ފަހަރަކު، އަދި ދިގު މުއްދަތަކަށް ބޭނުންކުރުމުންނެވެ. އާންމުކޮށް މައުތުވޮޝް ބެހިގެންވަނީ އަނގައިގެ ބެކްޓީރިއާތައް މަރާލުމަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ "ތެރަޕިއުޓިކް" އަދި ވަގުތީގޮތުން އަނގައިގެ ވަސް މީރުކޮށްދޭ "ކޮސްމެޓިކް" ބާވަތްތަކަށެވެ.

އަނގައިގެ ދުޅަހެޔޮކަމުގެ މައިގަނޑު އަސާސަކީ ގެއްލުންދެނިވި ބެކްޓީރިއާތައް ނައްތާލައި، ފައިދާހުރި ބެކްޓީރިއާތައް ހިމާޔަތްކުރުމެވެ. ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި "ކްލޮރްހެކްސިޑިން" އެކުލެވޭ ތެރަޕިއުޓިކް މައުތުވޮޝް ގަވާއިދުން ބޭނުންކުރުމުން އަނގައިގެ ތަބީއީ ބެލެންސް ގެއްލި، އަނގައިގެ އެސިޑިޓީ އިތުރުވެއެވެ. އަދި ލޭ ހޮޅިތައް ފުޅާކޮށް ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދޭ "ނައިޓްރިކް އޮކްސައިޑް" އުފެއްދުމަށް އެހީވާ ބެކްޓީރިއާތައް މަދުވެ، ހިތުގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން، އެހެނިހެން މާއްދާތައް ހުންނަ މައުތުވޮޝްތަކުން ވެސް ދިގު މުއްދަތުގައި މިފަދަ އަސަރެއް ކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް، ހަކުރުބަލި ފަދަ ބަލިތަކަކީ ސީދާ މައުތުވޮޝްގެ ސަބަބުން ޖެހޭ އެއްޗެއްކަން އަދި ސައިންސުވެރިންނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މައުތުވޮޝް ބޭނުންކުރާނަމަ، ވަކި ހާއްސަ ކަމަކަށް އަމާޒުކޮށް އެކަށީގެންވާ އެއްޗެއް އިހްތިޔާރުކުރުން ވަރަށް މުހިންމެވެ. އެގޮތުން ދަތް ފަނިކެއުމުން ރައްކާތެރިވުމަށް ފްލޮރައިޑް މައުތުވޮޝް ބޭނުންކުރެވިދާނެއެވެ. މިއީ ބެކްޓީރިއާ މަރާލުމުގެ ބަދަލުގައި ދަތުގެ ބޭރު ފަށަލަ ވަރުގަދަކޮށްދޭ އެއްޗަކަށް ވާތީ، ދިގު މުއްދަތަކަށް ބޭނުންކުރަން ރައްކާތެރި ބާވަތެކެވެ. އަދި އަނގަ ހިކޭނަމަ ނުވަތަ ފާރުވާނަމަ އަލްކޮހޯލް ނުހިމެނޭ ބާވަތްތައް ބޭނުންކުރުން ބުއްދިވެރިއެވެ. ސަބަބަކީ އަލްކޮހޯލް އަދި ޕެރޮކްސައިޑް ހުންނަ ބާވަތްތަކުން އަނގައިގެ ނާޒުކު ހަންގަނޑަށް އަނިޔާވެދާނެތީއެވެ.

ޚުލާސާކޮށް ދަންނަވާނަމަ، މައުތުވޮޝްއަކީ ކޮންމެ މީހަކު މުޅި އުމުރަށް ކޮންމެ ދުވަހަކު ކޮންމެހެން ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ. އަދި މައުތުވޮޝްއަކީ ދަތް އުނގުޅުމާއި ފްލޮސް ކުރުމުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ވެސް ނޫނެވެ. އެހެންކަމުން، މައުތުވޮޝްއިން ގެއްލުމެއް ނުލިބި ފައިދާ ލިބޭނީ ޑޮކްޓަރެއްގެ ލަފައާއެކު، ވަކި ކަމަކަށް ހާއްސަކޮށް، މިންވަރު ދަނެގެން ބޭނުންކުރުމުންނެވެ.