ޙާލަތު

Sponsored

Website cover image

ބޭރު މީހުންނާއިމެދު ނަފުރަތު އުފައްދާ މަންޒަރު އެމްޑީޕީ ތެރެއިން މިހާރު ފެންނަން ފަށާފި ، ނަޝީދު

6 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
165
ބަލާފައި

އެމްޑީޕީ ތެެރެއިން، މިހާރު ފެންނަނީ ބޭރު މީހުންނާ މެދު ނަފުރަތު އުފައްދާ މަންޒަރު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި ތަރައްގީގެ ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ސަރުކާރުން ހަވާލުކުރަން ނިންމި ނިންމުމާ ދެކޮޅަށް ދައްކަމުން އަންނަ ވާހަކަަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެމްޑީޕީ މިހާރު މިސްރާބު ހުރި ގޮތާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަށެވެ. އަދި އެއްްއިރެއްގައި އެ ޕާޓީން ވަކާލާތުކުރީ ހުޅުވާލެވިފައިވާ، ތަފާތު ހިޔާލުތަކަށް ޖާގަދޭ، އަދި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކަށް ނަމަވެސް، މިހާރު ފެންނަނީ ބޭރު މީހުންނާ މެދު ނަފުރަތު އުފެއްދުމާއި، ހައްދުފަހަނައެޅި ގައުމީ ފިކުރުގެ ވާހަކަތައް ދެއްކުމަށް ޕާޓީން އިސްކަންދޭ ތަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިއީ އެމްޑީޕީ އުފެދިގެން އައި އަސާސްތަކާއި، އެ ޕާޓީގެ ސިޔާސީ ސިފަ ކަނޑައަޅައިދީ، ކުރީކޮޅު ޕާޓީއަށް ތާއީދުކުރި ގިނަ ބައެއްގެ އިތުބާރު ހޯދައިދިން އުސޫލުތަކާ މުޅިން ހިލާފު ކަމެއް. ޕާޓީގެ ތެރޭގައި ތިބި ގިނަ ބަޔަކަށް ގަބޫލުކުރެވެނީ، އިންތިހާބީ ކާމިޔާބީ ލިބޭނީ ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން، އާންމުންގެ ޝުއޫރުތަކާ ކުޅެލައިގެން ކަމަށް،". ނަޝިދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވިގޮތުގައި މި ސިޔާސަތުގެ ސަބަބުން އެމްޑީޕީއަށް އަބަދުވެސް ތާއީދުކުރަމުން އައި، ތަފާތު ހިޔާލުތަކަށް އިހުތިރާމްކުރާ، ދުނިޔެއަށް ހުޅުވާލެވިފައިވާ ފިކުރުގެ މީހުން ޕާޓީއާ ދުރުވާނެއެވެ. އަދި ކުރު މުއްދަތެއްގެ ސިޔާސީ މަންފާއަކަށްޓަކައި ޕާޓީގެ އަސްލު ތާއީދު އޮތް މި ބިންގާ ބަލިކޮށްލުމަކީ ހަމައެކަނި ނުބައި ނިންމުމެއް ނޫން ކަމަށާއި، އެއީ ސިޔާސީ ގޮތުން އަމިއްލައަށް ލިބިގަންނަ ބޮޑު ނާކާމިޔާބީއެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ބިރަކާ ނުލާ މަޖާކުރުން" ފަދަ ޝިއާރުތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ކެމްޕޭންތަކުގެ ހަނދާން އާކޮށްލުން މުހިންމުކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެފަދަ މެސެޖުތަކުގެ ސަބަބުން ޕާޓީއަށް އޮތް ތާއީދު ކުޑަވުމުގެ ބަދަލުގައި، އިތުރު ވިހި ހާހެއްހާ ވޯޓު ޕާޓީއަށް ލިބިގެންދިޔަ ކަމަށެވެ.

"އެއާ ހިލާފަށް، ދީން ސިޔާސީ ހަތިޔާރަކަށް ހަދައި، "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އަސާސެއް ނެތް ވާހަކަތައް ދެއްކުމަކީ ޕާޓީގެ އިތުބާރު ވަރުގަދަވާނެ ކަމެއް ނޫން. މިފަދަ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއްގެ އިތުރުން، ގައުމީ ސިޔާސީ މަސްރަހުގެ ސީރިއަސްކަން ގެއްލުވައިލާ ކަންކަން. އެމްޑީޕީ މިއަދު މިވަނީ ވަރަށް މުހިންމު ހުރަސްމަގެއްގައި. މި މަގުން ކުރިއަށްދާނަމަ، ޕާޓީގެ އަސްލު ސިފަ ގެއްލި، މީގެ ކުރިން ޕާޓީ ތަފާތުކޮށްދިން އަގުހުރި އުސޫލުތައް އަތުން ބީވެގެންދާނެ،". ނަޝީދު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު އުންމީދަކީ، ޕާޓީގެ އުސޫލުތައް ގަބޫލުކުރާ މެންބަރުން މިކަމުގެ ތެރެއަށް ވަދެ، ޕާޓީ އަމިއްލައަށް ފަނާވެދާނެ މަގަކުން ދިޔަ ނުދީ ހުއްޓުވުން ކަމަށްވެސް ވިދާޅުވިއެވެ.