ޙާލަތު

Sponsored

Website cover image

ނޫސްވެރިކަމުން ފެށިގެން އަދަބިއްޔާތަށް: ޝިމްލާގެ އުފެއްދުންތެރި ހިދުމަތްތައް

14 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
224
ބަލާފައި

ހިތްވަރާއި އުފެއްދުންތެރިކަމުގެ ލާމަސީލު ނަމޫނާއެއް: ޝިމްލާގެ ގަލަމާއި މަސައްކަތްތެރިކަން

ރާއްޖޭގެ މީޑިއާގެ ދާއިރާއާއި އިޖުތިމާއީ ހިދުމަތްތަކަށް ބަލާއިރު، އައްޑޫ ސިޓީއަށް އުފަން ޝިމްލާ އަހުމަދަކީ ވަރުގަދަ އަޒުމަކާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ނަމޫނާ ޝަހްސިއްޔަތެކެވެ. ނޫސްވެރިކަމުގެ ތެރެއިން ޒުވާނުން ބިނާކުރުމާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ އިތުރުން ދިވެހި އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރުވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ މަތިވެރި ހިދުމަތްތަކެކެވެ.

ޝިމްލާގެ ނޫސްވެރިކަމުގެ ދިގު ދަތުރު ފެށިގެން އައީ 2011 ވަނަ އަހަރު އައްޑޫ ސިޓީގައި "އޭއޯ ނިއުސް" އުފެއްދެވި ހިސާބުންނެވެ. އޭއޯ ނިއުސްގެ ފައުންޑާ އަދި ސީއީއޯގެ ހައިސިއްޔަތުން ޝިމްލާ ވަނީ ނޫސްވެރިކަމުގެ ތެރެއަށް ޒުވާނުންނާއި ސްކޫލް ކުދިން އަހުލުވެރިކުރުވުމަށް އަމިއްލަ އިސްނެންގެވުމުގެ މަތިން ގިނަގުނަ ތަމްރީނު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވާފައެވެ. އެގޮތުން ހުވަދު އަތޮޅު ހިމެނޭހެން، ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ ޒުވާނުންތަކެއް ވަނީ މީޑިއާގެ ދާއިރާއަށް ނެރެދެއްވާފައެވެ. 2020 ވަނަ އަހަރުން ފެށިގެން ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ދާއިރާއިން ދެކުނުގެ 4 އަތޮޅުގައި އެ އަތޮޅުތަކުގެ ބަހުރުވައިން ޓީވީ ޚަބަރު ހުށަހަޅާނެ ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން "ސަދަން ކޮމިއުނިޓީ އެމްޕަވާމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް" (ސީމް) ގެ ކޯ-ފައުންޑާ އަދި ރައީސާގެ ގޮތުންނާއި، ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އަދި ފުރަމާރަ އެކެޑަމީ ފަދަ ޖަމިއްޔާތަކުގެ އިސް ސަފުގައި ވެސް އޭނާ ހަރަކާތްތެރިވެވަޑައިގަންނަވައެވެ.

ނޫސްވެރިކަމާއި އިޖުތިމާޢީ މައިދާނުގައި ކުރެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2022 ވަނަ އަހަރު ސަރުކާރުން ވަނީ ޝިމްލާއަށް "ރެހެންދި އެވޯޑު" އަރުވާފައެވެ. އަދި ހަމަ އެ އަހަރު ވިމެން އިން މެނޭޖްމަންޓްގެ ފަރާތުން "މީޑިއާ ވުމެން އޮފް ދަ އިޔާ" އެވޯޑު ވެސް އޭނާއަށް ލިބިވަޑައިގެންނެވިއެވެ. ބައިނަލްއަގުވާމީ ފެންވަރުގައި "ސައުތު އޭޝިއަން ވިމެން އިން މީޑިއާ" (ސޯމް) ގެ ރާއްޖޭގެ ކައުންސިލް މެންބަރުގެ މަގާމު ފުރުއްވަމުން، ދެކުނު އޭޝިއާ ސަރަހައްދުގެ އަންހެން ނޫސްވެރިންނަށް ދެވޭ ޝަރަފުވެރި އެވޯޑެއް ކަމަށްވާ "ސައުތު އޭޝިއާ ލާޑްލީ މީޑިއާ އެންޑް އެޑްވަޓައިޒިން އެވޯޑްސް ފޯ ޖެންޑާ ސެންސިޓިވިޓީ" ގެ ފަނޑިޔާރުކަން ފާއިތުވި ދެ އަހަރު ވެސް ޝިމްލާ ވަނީ އަދާކުރައްވާފައެވެ.

މީޑިއާގެ އިތުރުން، ޝިމްލާއަކީ ލިޔުންތެރިކަމަށް ލޯބިކުރައްވާ ކުޅަދާނަ މުސައްނިފެކެވެ. ލިޔުންތެރިން އުފައްދައި، ފޮތް ޝާއިއުކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 3 ގައި އުފެދުނު "ބުކް ރައިޓާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" (ބީޑަބްލިޔުއޭއެމް) ގެ ދަށުން ޝިމްލާ ދަނީ ދިވެހި އަދަބިއްޔާތަށް އަގުހުރި ހިދުމަތްތަކެއް ކުރައްވަމުންނެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ޝިމްލާގެ މި ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ފެނިގެންދިޔައެވެ.

419 ފަރާތަކުން 4،400 އުފެއްދުން ބައިވެރިކުރި މި ބޮޑު މައުރަޒުގައި "ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް" މި ޝިއާރުގެ ދަށުން އެކި ދާއިރާތަކުން އުފެއްދުންތައް ދައްކާލެވުނުއިރު، ޝިމްލާ އިސްވެ ހުންނަވައިގެން ބީޑަބްލިޔުއޭއެމް ޖަމިއްޔާގެ ފަރާތުން ވަނީ 7 ފޮތެއް ބައިވެރިކޮށްފައެވެ. މީގެ ތެރޭގައި ޝިމްލާ އަހުމަދުގެ އިތުރުން ޑރ. ފާތިމަތު މުފްލިހާ، އާމިނަތު ނަސްރާ، އާމިނަތު ވިލީނިޔާ އަދި ތަބައްސުމް މުހައްމަދު ހަސަންގެ އުފެއްދުންތައް ހިމެނެއެވެ.

"އެއީ އެންޖީއޯއިން ބައިވެރިކުރުވި އެއްޗިއްސަކީ އެކްސްޕޯގަ. އެންޖޮއޯގެ ނަމުގައި ބައިވެރިވީ. ވަކިވަކިން ބައިވެރިވީ އެކަމަކު އެންޖީއޯ ކަނޑައްތުކޮށްގެން. މިތަނުގައި ޑިސްޕްލޭ މިކުރަނީ އެންޖީއޯ. ދެން އެންޖީއޯވެސް ޕްރޮމޯޓްކުރަނީ." ޝިމްލާ ވިދާޅުވިއެވެ.

މި މައުރަޒުން ބީޑަބްލިޔުއޭއެމް ޖަމިއްޔާއަށް ވަނީ އެންޖީއޯ ކެޓަގަރީން 2 ވަނަ ލިބިފައެވެ. އަދި އެ ޖަމިއްޔާގެ މެންބަރު އާމިނަތު ވިލީނިޔާ ލިޔުއްވި ފެހުމުގެ ދާއިރާއަށް ހާއްސަ ގައިޑު ފޮތަށް ތައުލީމީ ދާއިރާއިން 2 ވަނަ ލިބިގެންދިޔައެވެ. މިއީ މި ދާއިރާއިން ރާއްޖޭގައި ދިވެހި ބަހުން ލިޔެވުނު މިފަދަ ފުރަތަމަ ފޮތެވެ.

ޝިމްލާ އަމިއްލަފުޅަށް މި މައުރަޒުގައި ބައިވެރިކުރެއްވި އުފެއްދުންތަކުގެ ތެރޭގައި ގައުމީ ފެންވަރުގައި އެވޯޑު ލިބިފައިވާ ވާހަކަތައް އެކުލެވޭ "ހަދިޔާ" ފޮތާއި، ތާރީހީ އަދި އިބުރަތްތެރި ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ "ހައްވާ ދީދީއާއި ކަޅުއަކިރިގަނޑު" ފޮތް ހިމެނެއެވެ. "ހައްވާ ދީދީއާއި ކަޅުއަކިރިގަނޑު" އަކީ ހިތްދަތިކަމާއި އެކަނިވެރިކަމުގެ ތެރޭގައި އިންސާނަކު ދެއްކި ކެތްތެރިކަމާއި ހިތްވަރުގެ ލާމަސީލު ވާހަކައެކެވެ. މިއީ ހިތްދަތިކަމާއި އެކަނިވެރިކަމުގެ ތެރެއިންވެސް އިންސާނަކު ދައްކުވައިދިން ކެތްތެރިކަމާއި ހިތްވަރުގެ ލާމަސީލު މިސާލެކެވެ. މިފަހަރު މައުރަޒުގައި އެފޮތުގައި ހިމެނޭ ބައެއް ކަންކަން ދައްކުވައިދޭއިރު، އެ މަންޒަރު ގެނެސްދީފައިވަނީ މީހުން ފޮތް ކިޔާހިތްވާ ކަހަލަ ގޮތަކަށެވެ.

މައުރަޒުގެ ސްޓޯލުގައި މި ފޮތުގެ މަންޒަރުތައް ދައްކުވައިދިން ގޮތުން އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައެވެ.

"އަޅުގަނޑު ބައިވެރިކުރީ، އަޅުގަނޑުގެ "ހަދިޔާ" ފޮތް. އެއީ ކުރިން އެވޯޑު ލިބިފައި ހުރި، ގައުމީ އިނާމު ލިބިފައި ހުރި ވާހަކަތައް އެއްކޮށްލާފައި ހެދި ފޮތެއް "ހަދިޔާ"އަކީ. ދެވަނަ ފޮތަކަށް ހައްވާ ދީދީއާ ކަޅުއަކިރިގަނޑުގެ ވާހަކަ." ޝިމްލާ ކިޔައިދިނެވެ.

މީގެ އިތުރުން ކުޑަކުދިންނަށް އުމްރާގެ މައުލޫމާތު ފޯރުކޮށްދޭ ފޮތްތަކާއި، ޑރ. މުފްލިހާގެ ސިއްހީ ހޭލުންތެރިކަމުގެ ފޮތްތައް އަދި ވިޔަފާރިއާ ގުޅޭ ފޮތްތައް މި ސްޓޯލުން ފެނިގެންދިޔައެވެ.

ޝިމްލާ ފާހަގަކުރެއްވި ގޮތުގައި އެކްސްޕޯ ކުރިއަށްދިޔަ ދުވަސްވަރަކީ މަހުގެ ފަހުކޮޅަށް ވުމުން ގޮންޖެހުންތަކެއް ހުރި ނަމަވެސް ހިތްހަމަޖެހޭ ވަރަށް ވިކުނު ކަމަށާއި ފޮތްތަކަށް އޮތް ޑިމާންޑާއި ތަރުޙީބު ވަރަށް ބޮޑުކަން ޝިމްލާ ފާހަގަކުރެއްވިއެވެ. އަދި ޖަމިއްޔާ އިޝްތިހާރު ކުރުމަށާއި ކިޔުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ހާއްސަ ގުރުއަތުލުމަކީ ވެސް ޒިޔާރަތްކުރި ފަރާތްތަކުގެ މަގްބޫލުކަން ލިބުނު ކަމެކެވެ. އެގޮތުން އެ އެންޖީއޯގެ ގުރުއަތެއްގައި ބައިވެރިވެގެން، ގުރުއަތުން ހޮވޭ ފަރާތަކަށް މައުރަޒު ނިމޭ ދުވަހު ފޮތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޝިމްލާ އަހުމަދަކީ "ހުވަފެނެއް ދެކެފިނަމަ އެކަން ހަގީގަތަކަށް ހެދިދާނެ" ކަން އަމަލުން ސާބިތުކޮށްދެއްވާފައިވާ ޝަހްސިއްޔަތެކެވެ. ނޫސްވެރިކަމުގެ މައިދާނުގައި ޒުވާނުން ބިނާކުރުމާއި، ދިވެހި އަދަބިއްޔާތުގައި އާ ލިޔުންތެރިން ކުރިއެރުވުމަށް އޭނާ ކުރައްވާ އަގުހުރި މަސައްކަތްތަކަކީ ދިވެހި މުޖުތަމައަށް އަދި އަންނަން އޮތް ޖީލުތަކަށް ލިބިގެންދާނެ އަގުނުކުރެވޭ ފަދަ ބޮޑު ހަދިޔާއެކެވެ.