ޙާލަތު

Sponsored

Website cover image

ސިޔާސީ ޖަޒުބާތުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަން ނެރެން ޖެހޭ: ރައީސް

9 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
98
ބަލާފައި

ދުނިޔޭގައި ކަންހިނގާ ގޮތާއި މިނިވަންކަން މިއަދު ދިފާއުކުރަން ޖެހޭ ގޮތާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި ސިޔާސީ ޖަޒުބާތުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަން ނެެރެން ޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ޖުމްހޫރީމައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ނަސްރުގެ ދުވަހު ހޯދި ކާމިޔާބީއަކީ ރާއްޖޭގެ މިނިވަންކަމަށްޓަކައި ހޯދި ކާމިޔާބީއެއް ކަމަށާއި އެއީ ދިވެހިންގެ ދެމިތިބުމަށާއި އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ޓަކައި ހޯދި ކާމިޔާބީއެއް ކަމަށެވެ. 

"އެ ހާދިސާއަށް ގާތްގަނޑަކަށް ސާޅީސްއަހަރު ފުރެން ކައިރިވަމުން އަންނަ އިރު މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި އަޅުގަނޑުމެން މިއަދު މިނިވަންކަން ދިފާއުކުރަން ޖެހޭ ގޮތާއި މިކަންކަމަށް ވިސްނުން ވަރަށް މުހިއްމު. ތާރީހުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަގުބަލުގެ މޫނު އުޖާލާކުރަން އެބަ ޖެހޭ، ސިޔާސީ ޖަޒުބާތުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަން ނެރެން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ޒާތީ އަރައިރުންތަކުގެ ކުރިއަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހޭ ކަމަށާއި ވެރިކަމުގެ ދަހިވެތިކަމުގެ ކުރިއަށް ގައުމީ ސަލާމަތާއި ފުދުންތަރިކަމާއި ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދަރަނީގެ އަޅުވެތިކަމުގައި ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުހަބާ ކިޔަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމެއް ނުވަތަ ޖަމާއަތެއް ނުވަތަ ފަރުދަކަށް ވިޔަސް  މިނިވަންކަމާ އެކު ބަސްބުނެ، އެހެންމީހުންގެ ނުފޫޒުން ސަލާމަތްވެގެން ހުރެވޭނީ ފުދުންތެރިކަން އޮވެގެންނެވެ. އެހެން ނޫނީ އަބަދުވެސް ހުންނަން ޖެހޭނީ ދަރަނިދޭ ފަރާތުގެ ކިޔަމަނުގައި ކަމަށާއި ދަރަނިދޭ މީހާ އަންގާ އެންގުމާއި އޭނާ ރުހޭ ނުރުހޭ ގޮތުގެ މަޖުބޫރީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެފަދަ މީހަކު ހުންނަން ޖެހޭނީ ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ،

"ގައުމަކަށް ވުމަކުން މި ހަގީގަތް ވަކި ބަދަލެއް ނުވޭ. ގައުމެއްގެ ވެސް މިސާލަކީ ހަމަ މިއީ. އެގައުމެއްގެ އަމިއްލަ ބަސް ބުނެވެނީ އަދި އަމިއްލަ ދީނާ އަމިއްލަ ގޮތްތައް ރައްކާތެރިކުރެވެނީ އެ ގައުމެއްގައި ސަލާންޖަހަން ނުޖެހޭ އިގުތިސާދަކަށް ފުރާނައެޅުވިފައި އޮވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ނަސްރުގެ ދުަވަސް ފާހަގަކުރާ އިރު އެ ނުކުތާތަކާއި މެދު ވިސްނަން ޖެހެ އެވެ. ހަތިޔާރުގެ އަޅުވެތިކަމުން އެ ދުވަހު ރާއްޖެ ސަލާމަތްކުރި ގޮތަށް، ދަރަނީގެ އަޅުވެތިކަމުން ވެސް މިއަދު މިނިވަންކުރަން ޖެހޭ ކަމަށާއި ފިތުނަ ފަސާދައިގެ އަލިފާންތައް ގައުމީ މަސްލަހަތުގެ ކުރިމަތީގައި ނިއްވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމަށް އެންމެ ހެޔޮގޮތް ދެނެގަންނަން ޖެހޭ ކަމަށާއި އެފަދަ ފުރުސަތުތައް ހޯދައި، އިސްތިގުލާލަށް ގެއްލުން ނުވާނެ ގޮތަށް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޒުވާނުންނާއި އެހެން ރައްޔިތުންގެ ކެކުޅުންތަކަށް ވެސް ސަރުކާރުން ލުޔެއް ހޯދައިދޭން ޖެހޭ އިރު އެހެން ގައުމުތައް ކުރިއަރައިދާތަން ބަލަން ތިބޭ ބަޔަށް ދިވެހިން ވެގެން ނުވާނެ އެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތްރޮނގަށް ހީނަރުކަމެއް ނާންނާނެ ގޮތަށް، ގައުމުގެ މުޅި މާލިއްޔަތަށް ހެޔޮ އަސަރުކުރާނެ ފަދަ އިންގިލާބީ ބަދަލުތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނޮވެމްބަރު ތިނެއް ނުދެކޭ އާ ދެ ޖީލެއް އުފަންވާއިރު އެ ކުދީންގެ ހުވަފެންތަކެއް ވާނެ ކަމަށާއި އަދި އެ ކުދީންނަށް ޓަކާ އަޅުގަނޑުމެން އަދާކުރާން ޖެހޭ ޒިންމާތަކެއް، މަސްއޫލިއްޔަތުތަކެއް ވާނެ ކަމަށެވެ.

"އެއީ އެ ކުދީންގެ މުސްތަގުބަލު އުފާވެރިކޮށް ދިނުމުގެ ޒިންމާ. އެއީ އެ ކުދީންނަށް ރައްކާތެރި ދިވެހިރާއްޖެއެއް ބިނާކޮށް ދިނުމުގެ މަސްއޫލިއްޔަތު. އެއީ އެ ކުދީންނަށް ހިތްހަމަ ޖެހޭ ފުދުންތެރި ދިރިއުޅުމެއް ވާރުތަކޮށް ދިނުމުގެ އަމާނަތް ވެސް މެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ ސަރުކާރުން މިހާރު ހިންގަން އުޅޭ އެންމެ ބޮޑު އިގުތިސާދީ މަޝްރޫއާ މެދު އިދިކޮޅު ފަރާތްތަކުން ގިނަ ތުހުމަތުތަކެއް ކޮށް، އެ މަޝްރޫއު ހުއްޓުވަން މަސައްކަތް ކުރަމުން އަންނަ ވަގުތެއްގަ އެވެ.