ރިއަލް އެސްޓޭޓްގެ ބިލު ހުށަހަޅައިފި، އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ކަމެއް ނުކުރެވޭނެ
ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ތަރައްގީކުރުމުގެ ދާއިރާއަށް ހާއްސަކޮށްގެން އެކުލަވާލާ ފުރަތަމަ ގާނޫނު "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ބިލުގެ ފުރަތަމަ ކިޔުން މިއަދު މެންދުރުފަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު، މަޖިލިހުގެ އިދާރާއިން މިހާރު ވަނީ އެ ބިލު އާންމުކޮށްފަ އެވެ.
މި ބިލު ހުށަހަޅާފައިމިވަނީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިމެއް ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއުއެއް ހިނގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
އެ ބިލުގައިވާ ގޮތުން، އޭގެ މައިގަނޑު ބޭނުމަކީ ރިއަލް އެސްޓޭޓް ވިޔަފާރިތައް ރެގިއުލޭޓް ކުރުމަށްޓަކައި ހާއްސަ އިދާރާއެއް އުފައްދައި، އެ ދާއިރާގައި ހިންގާ މަޝްރޫއުތަކާއި މުއާމަލާތްތައް މޮނިޓާކޮށް، ފްލެޓާއި ގޯތި ގަންނަ ފަރާތްތަކުގެ ފައިސާއަށް ގާނޫނީ ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމެވެ۔
މިހާރު އަމަލުކުރަމުންދާ އިމާރާތް ކުރުމުގެ ގާނޫނު ހިނގަނީ ހަމައެކަނި އެއްމެދު އިމާރާތްތަކަށް ކަމަށް ވެފައި، ރިއަލް އެސްޓޭޓް މާކެޓްގައި ގަންނަ ފަރާތްތަކުގެ ފައިސާ ރައްކާތެރިކުރުމުގެ ވަކި ގާނޫނެއް ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލެއް ގެނައުމަކީ ބިލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައި ވެ އެވެ.
ބިލުގައި 14 ބާބާއި 160 އަށް ވުރެ ގިނަ މާއްދާ ހިމެނޭއިރު، މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި "ޕްރޮޕާޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އުފެއްދުން ހިމެނެ އެވެ. މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ ވަކި މި އިދާރާގެ ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. އޮތޯރިޓީ ހިންގުމަށް ޗީފް އެގްޒެކެޓިވް އޮފިސަރެއް އައްޔަން ކުރައްވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޑިވެލޮޕަރުންނާއި އޭޖެންޓުން ރަޖިސްޓަރީކުރުމާއި މުދަލުގެ ދަފްތަރު ބެލެހެއްޓުމާއި އެސްކްރޯ ބޭންކުތައް ކަނޑައެޅުން ހިމެނެ އެވެ. އޮތޯރިޓީގެ ހިސާބުތައް އޮޑިޓް ކުރާނީ އޮޑިޓާ ޖެނެރަލެވެ۔
ބިލުގައިވާ ގޮތުން އޮފް-ޕްލޭންކޮށް ވިއްކާ ޔުނިޓުތަކަށް ގަންނަ ފަރާތްތަކުން ދައްކާ ހުރިހާ ފައިސާއެއް ޖަމާކުރަންޖެހޭނީ ރާއްޖޭގެ ބޭންކެއްގައި ހުޅުވާ ހާއްސަ 'ޕްރޮޖެކްޓް އެސްކްރޯ އެކައުންޓް' އަކަށެވެ. ޑިވެލޮޕަރަށް އެ ފައިސާ ދޫކުރެވޭނީ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދާ ނިސްބަތަކުންނެވެ۔ އަދި މަޝްރޫއު ނިމި، ޔުނިޓުތައް ގަންނަ ފަރާތްތަކުގެ ނަމަށް ރަޖިސްޓަރީ ކުރާތާ އެއް އަހަރު ވަންދެން ފައިސާގެ ފަސް ޕަސެންޓް އެކައުންޓުގައި ހިފަހައްޓަން ޖެހެ އެވެ۔
އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް އެއްވެސް މަޝްރޫއެއް އިއުލާންކުރުމާއި ވިއްކުން މަނާވާނެ އެވެ.
ބިލުގައިވާ ގޮތުން ބުކިން ފީގެ ގޮތުގައި ނެގޭނެ އެންމެ މަތީ މިންވަރު ގަވާއިދުން ކަނޑައަޅައި ލިމިޓް ކުރެވޭނެ އެވެ۔ ވިއްކާ ކޮންމެ ޔުނިޓެއް އަދި ބިމެއްގެ މުއާމަލާތް މުދަލުގެ ދަފްތަރުގައި ރަޖިސްޓަރީ ކުރަން ވާނެ އެވެ۔ އަދި އޮފް-ޕްލޭންކޮށް ގަންނަ ފަރާތްތަކަށް ޕްރޮވިޝަނަލް ރަޖިސްޓަރީއެއް ދޫކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.
ޔުނިޓުގެ ވެރިފަރާތްތަކަށް މަޝްރޫއުގެ ކުރިއެރުމާއި އެސްކްރޯ އެކައުންޓުގެ މައުލޫމާތު ހޯދުމުގެ ހައްގު ލިބިދޭ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތައް
ބިލުގެ އަށް ވަނަ ބާބުން ބޮޑެތި މާސްޓާ ޕްލޭން މަޝްރޫއުތަކަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ތައާރަފު ކޮށްފައި ވެ އެވެ. އެގޮތުން މިފަދަ ޒޯނެއް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ۔
މަދުވެގެން 200 ހެކްޓަރުގެ ބިމާއި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނެން ޖެހޭނެ ކަމަށް ބިލުގައި ބުންޏެވެ. އަދި ޒޯން ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރަށެވެ. މާސްޓާ ޑިވެލޮޕަރު ޒޯނުން ލިބޭ ސާފު އާމްދަނީގެ 10 ޕަސެންޓް ދައުލަތަށް ދައްކަންޖެހެ އެވެ۔
މާސްޓާ ޑިވެލޮޕަރު ހޮވާނީ، ބިލުގައިވާ ގޮތުން މިނިސްޓްރީން ހަދާ ގަވައިދުގެ ދަށުން އާންމުކޮށް އިއުލާންކޮށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެކެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް މިފަދަ ޒޯނެއް ދެވިދާނެ ކަމަށް ވެސް ބިލުގައި ބަޔާންކުރެ އެވެ.
ޒޯނުގައިވާ ޕްރޮޕަޓީތައް ލީސްހޯލްޑް ރައިޓްސް އުސޫލުން 99 އަހަރަށް ވިއްކިދާނެ ކަމަށް ބިލުގައިވެ އެވެ. އަދި ވިއްކޭނީ ސެރެންޑާ އެންޑް ރީ-ގްރާންޓް މޮޑެލްގެ ދަށުންނެވެ.
ނަމަވެސް އެއްވެސް އެއް ގައުމެއްގެ ފަރާތްތަކަށް ޒޯނުގެ 25 ޕަސެންޓަށް ވުރެ ގިނަ ބިމެއް ނުވަތަ ޔުނިޓެއް ނުވިއްކޭނެ އެވެ. އަދި ރާއްޖެ އެތެރެވުން މަނާ ފަރާތްތަކަށް ބިން ވިއްކުން ވަނީ މަނާކޮށްފަ އެވެ.
ކޮންމެ ވިއްކުމަކަށް ހަތަރު ޕަސެންޓްގެ ރަޖިސްޓަރީ ފީއެއް ނެގޭނެ އަދި ވިއްކައިގެން ލިބޭ ފައިދާ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާވެ ކަމަށް ބިލުގައި ބަޔާންކުރެ އެވެ.
ބިލުގައި ބުނީ މި ޒޯންތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ސަލާމަތީ ހިދުމަތްތަކުން ކަމާއި ޖުވާކުޅުމާއި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަންކަން އެ ޒޯންތަކުގައި ކުރުން މަނާވާނެ ކަމަށެވެ. އިސްލާމް ދީން ފިޔަވައި އެހެން ދީންތަކަށް އަޅުކަން ކުރާ ތަންތަން ހެދުން ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އަދި އިޒްރޭލުގެ މީހުންނާއި އެ ގައުމުގެ މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ރިއަލް އެސްޓޭޓް މާކެޓުގައި މަސައްކަތްކުރާ ފަރާތްތައް ވަކި މިންގަނޑުތަކަކަށް ފެއްތުމަށް ލައިސަންސް ދިނުމުގެ ނިޒާމެއް ގާއިމުކުރަންޖެހޭނެ ކަމަށް ބިލުގައިވެ އެވެ.
އެގޮތުން ރިއަލް އެސްޓޭޓް އޭޖެންޓުންނަކީ އުމުރުން 21 އަހަރު ފުރިފައިވާ ދިވެހިންނަށް ވާން ޖެހޭނެ ކަމާއި ވެލުއޭޝަން ހަދަން ވާނީ ގަބޫލުކުރެވޭ ފަންނީ ސަނަދެއް ލިބިފައިވާ ފަރާތްތަކުން ކަމަށް ބިލުގައި ބަޔާންކުރެ އެވެ.
ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމާއި 100،000ރ. އިން ފެށިގެން 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެ އެވެ۔
ގާނޫނަށް އަމަލުކުރަން ފެށުމާއެކު މިހާރު ހިނގަމުންދާ މަޝްރޫއުތައް ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީކުރަން ހުށަހަޅަންޖެހެ އެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލައިސަންސް ނެގުމަށް 180 ދުވަހުގެ މުއްދަތެއް ލިބެ އެވެ. މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެއް އަހަރު ދުވަހުގެ ތެރޭގައި ހަދައި ނިންމަން ޖެހޭނެ ކަމަަށް ވެސް ބިލުގައި ވެ އެވެ.