ޙާލަތު

Sponsored

Website cover image

މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލެއް މަޖިލިހަށް!

9 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
67
ބަލާފައި

ރާއްޖޭގެ ކޯޓަކުން މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތައް ކަނޑައެޅުމާއެކު، އެމީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، މި ބިލް މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދެވެ.

އެ ބިލްގައިވާ ގޮތުން މިއީ ރާއްޖޭގެ ކޯޓަކުން މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތައް ކަނޑައެޅުމާއެކު، ނިހާއީވެފައިވާ މަރުގެ އަދަބެއް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުން ފުރިހަމަ ކުރަން ޖެހޭ ކަންކަމާއި މަރުގެ އަދަބު ކަނޑައެޅުނު މީހާއަށް ލިބިގެންވާ ހައްގުތަކާއި އަދަބު ތަންފީޒުކުރުން މަނާކުރާ ހާލަތްތަކާއި ސަބަބުތައް އަދި އެ ނޫން ވެސް މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ގުޅޭ އުސޫލުތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައެޅުމަށް ހުށަހަޅާ ބިލެކެވެ.

ބިލުގައި އެކުލެވިގެންވާ މައިގަނޑު ބައިތަކުގެ ތެރޭގައި މަރުގެ އަދަބަކީ ކޮބައިކަމާއި ކޯޓުން މަރުގެ އަދަބު ކަނޑައެޅުމުގެ ޝަރުތުތައް ކަނޑައެޅުމުގެ ޝަރުތުތައް ހިމަނާފައިވެއެވެ. މަރުގެ އަދަބަކީ ރާއްޖޭގެ ކަމާބެހޭ ކޯޓެއްގައި ހިންގާ ޖިނާއީ ދައުވާއެއްގެ ޝަރީއަތެއްގައި ކުށުގެ ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ސާބިތުވެ، އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ މެރުމަށް ޝަރީއަތުން ކުރާ އަމުރެކެވެ.

ބިލްގައިވާ ގޮތުން، ކޯޓުން މަރުގެ އަދަބު ކަނޑައެޅުމުގައި ކޯޓުގެ މަރުހަލާތަކުގައި ކަށަވަރު ކުރަން ޖެހޭ ފަސް ކަމެއްވެއެވެ.

އެ ފަސް ކަމަކީ:

1- ކުށްވެރިޔާގެ މައްޗަށް ކުށް ސާބިތުވީ ކުށަށް މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވުން
2- ތިން މަރުހަލާގެ ކޯޓުން މައްސަލަ ބަލައި ނިންމުން
3- އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ހިންގުން
4- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުން
5- މީހަކު މަރާލުމުގެ ކުށެއްގައި ނަމަ، މަރާލެވުނު މީހާގެ ވާރިސުން ގިސާސް ހިފުމަށް ބޭނުންވުން

އޭގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތައް ފަށަން ވާނީ ސުޕްރީމް ކޯޓުން ނިހާއީ ހުކުމް އިއްވި ތާރީހުން ފެށިގެން ހަ މަސް ދުވަސް ފުރިހަމަވާ ތާރީހުގައެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ހިންގައި ބަލަހައްޓާނީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ޕެނަލަކުން ކަމަށާއި ޕެނަލް އެކުލަވާލައި ޕެނަލްގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަމަށް ބިލްގައިވެއެވެ.

ޕެނަލުން ކުރަން ޖެހޭ މައިގަނޑު ކަންކަން:

1- އަދަބު ތަންފީޒު ކުރާނެ ތާރީހަކާއި ވަގުތެއް ކަނޑައެޅުން
2- ތާރީހު ކަނޑައެޅުމަށް ފަހުގައި އަދަބު ތަންފީޒުކުރުން ފަސް ކުރަން ޖެހޭ ހާލަތެއް އޮތްތޯ ބަލައި ކަށަވަރު ކުރުން
3- އަދަބު ތަންފީޒު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް ބެލުން
4- މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ހުއްދައިގެ ލިޔުން ތައްޔާރުކޮށް، ހުއްދަ ދިނުން.

އަދަބު ތަންފީޒު ކުރުން ފަސް ކުރެވިދާނެ ހާލަތްތަކެއް ވެސް ބިލްގައި ހިމަނާފައިވެއެވެ. ބިލްގައި ބުނެފައިވަނީ ކުށްވެރިޔާ ބަލިވެ އިނދެ، އޭނާ ވިހައި ގަދަވެ، އޭނާގެ ދަރިފުޅަށް ދެ އަހަރު ފުރެންދެން، ކުށްވެރިޔާއަކީ އަންހެނެއް ކަމުގައިވެފައި އޭނާގެ ދަރިފުޅަށް ދެ އަހަރު ފުރެންދެން، އަދަބު ކަނޑައެޅިގެން ދިޔަ ހުކުމް މުރާޖައާ ކުރުމަށް ކުށްވެރިޔާގެ ފަރާތުން ހުށަހަޅާފައިވާ ނަމަ، މުރާޖައާގެ މައްސަލައާ މެދު ކޯޓުން ގޮތެއް ކަނޑައެޅެންދެން އަދަބު ތަންފީޒު ކުރުން ފަސް ކުރެވިދާނެ ކަމަށެވެ.

ކުށްވެރިޔާގެ ސިއްހީ ހާލަތު އެކަށީގެންވާ މިންވަރަށް ވުރެ ދަށްވެފައިވާ ނަމަ، އެ ހާލަތު ބަދަލުވެ ސިއްހަތު ރަނގަޅު ވަންދެން އަދި ކުށްވެރިޔާގެ ނަފްސާނީ ހާލަތު އާދަޔާ ހިލާފަށް ދަށްވެފައިވާ ނަމަ، އޭނާގެ ހާލަތު ރަނގަޅު ވަންދެން އަދަބު ތަންފީޒު ކުރުން ފަސް ކުރެވިދާނެ ކަމަށް ބިލްގައިވެއެވެ.

ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރާނީ އޭނާ ދަން ޖައްސައިގެން ކަމަށް ބިލްގައިވެއެވެ.

ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު އަމަލީ ގޮތުން، ތަންފީޒު ކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަމަށް ބިލުގައިވެއެވެ. މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު އާންމުކޮށް، ނުފެންނާނެ ފަދަ ތަނެއްގައި ކަމަށާއި މަރުގެ ހުކުމް ތަންފީޒުކުރާ މަންޒަރު ނުވަތަ އަޑު އެއްވެސް ސިފައެއްގައި ރިކޯޑު ކުރުމާއި އާންމު ކުރުމަކީ މަނާ ކަމެއް ކަމުގައި ބިލްގައިވެއެވެ.