ޙާލަތު

Sponsored

Website cover image

އިންޓެގްރޭޓެޑް ޒޯނުތަކުގައި ޓޫރިޒަމް ފެސިލިޓީ ހިންގޭނެ

7 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
118
ބަލާފައި

އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކުގައި ޓޫރިޒަމް ފެސިލިޓީތައް ތަރައްގީކުރެވޭ ގޮތަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލްގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބިލުގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ރަށެއްގައި ނުވަތަ ފަޅެއްގައި ވަކިން ޓޫރިޒަމް ފެސިލިޓީތައް ތަރައްގީކުރެވިދާނެ އެވެ.

އެފަދަ ޓޫރިޒަމް ފެސިލިޓީތައް ހިންގުމުގައި އަމަލުކުރާނީ ރިއަލް އެސްޓޭޓް ގާނޫނުގެ ބަދަލުގައި ޓޫރިޒަމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބިލުގައިވެ އެވެ. 

ޒޯނުގެ ތެރޭގައި ޓޫރިސްޓް ރިސޯޓް، ހޮޓާ ނުވަތަ އެ ނޫން ވެސް ޓޫރިޒަމްގެ ވަސީލަތެއް ގާއިމުކުރާ ނަމަ، އެ ތަނެއްގެ އޮޕަރޭޓިން ލައިސަންސާއި ހުއްދަތައް ނަގަންޖެހޭނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކުގެ ދަށުންނެވެ.

ބިލުގެ 77 ވަނަ މާއްދާގެ ދަށުން، ޒޯނުގައި ޓޫރިޒަމްގެ ހިދުމަތް ދިނުމަށް ތަރައްގީކުރާ ތަންތަނުގައި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހިނގާނީ ޓޫރިޒަމާ ބެހޭ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކެވެ.

މި ޒޯނުތަކުގައި ޓޫރިޒަމާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ހިނގާނީ ހަމައެކަނި ޓޫރިސްޓުންގެ ރައްކާތެރިކަމާއި، ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށް ކަނޑައެޅޭ ބައިތަކެވެ. އަދި އެ ޒޯނުގައި ހިންގާ އެހެނިހެން ރިއަލް އެސްޓޭޓް މުއާމަލާތްތަކަށް ހިނގާނީ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުންނެވެ. 

ބިލުގައިވާ ގޮތުން ޒޯނުގައި ތަރައްގީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި އޫރު މަހުން އުފައްދާ ތަކެތި އިމްޕޯޓްކުރުމަށް ނުވަތަ ވިއްކުމަށް ނުވަތަ ބޭނުން ކުރުމަށް ހުއްދައެއް ނުލިބޭނެ އެވެ. 

ބިލުގެ 81 ވަނަ މާއްދާގައިވާ ގޮތުން، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ތެރޭގައި ހިންގާ ވިޔަފާރިތަކަކީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަށްޓަކައި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ކަމުގައި ބެލެވޭނެ އެވެ. އަދި އެ މުއާމަލާތްތަކުން ޓެކްސް ނެގޭނީ ޓޫރިޒަމް ދާއިރާގެ ރޭޓުންނެވެ. 

ބިލުގައިވާ ގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯން މާސްޓާ ޑިވެލޮޕަރަށް ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 99 އަހަރުގެ މުއްދަތަށެވެ. އަދި އެ ޒޯނުގައި ތަރައްގީކުރާ ވަކިވަކި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ރައިޓްސް ވެސް ގިނަވެގެން 99 އަހަރަށް "ސަރެންޑާ އެންޑް ރީ-ގްރަންޓް" މޮޑެލްގެ ދަށުން ވިއްކިދާނެ ކަމަށް ބިލުގައިވެ އެވެ. 

ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖެ އެތެރެވުން މަނާ ފަރާތްތަކަށާއި، ބައިނަލްއަގްވާމީ ކޯޓުތަކުގައި މައްސަލަ ހިނގާ މީހުންނާއި އެފަދަ ކޯޓުތަކުން ހައްޔަރުކުރުމުގެ އަމުރު އައިސްފައިވާ މީހުންނަށް މި ޒޯނުން ޕްރޮޕަޓީ ވިއްކުމާއި، ކުއްޔަށް ދިނުން އަދި ބަދަލުކުރުން މަނާވާނެ ކަމަށް ބިލުގައިވެ އެވެ.

އަދި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކޮށްފައިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ހަރަކާތެއް އެ ޒޯނުތަކުގައި ހިންގުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ވެސް ބިލުގައި ބަޔާންކުރެ އެވެ.