ޙާލަތު

Sponsored

Website cover image

ވަޒީރުންގެ "އަހާ" ފޯރަމް މިރޭ

4 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
127
ބަލާފައި

ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް އޮޅުންފިލުވައި ދިނުމަށާއި ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދާރީވުމުގެ ގޮތުން ސިލްސިލާކޮށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގެ އިތުރު ޕްރޮގްރާމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވާ މި ޕްރޮގްރާމްގައި މިހާތަނަށް 10 ޕްރޮގްރާމެއް ވަނީ ބާއްވައިފައެވެ. އެގޮތުން، އެންމެ ފަހުން ބޭއްވި "އަހާ" ފޯރަމްގައި ބައިވެރިވެވަޑައިގެންނެވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ހަސަން ޒަރީރުގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ހަކަތައާ ބެހޭ ވަޒީރު، އަލީ ޝަރީފެވެ.

މިރޭ ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ 4 ވަޒީރުންނެވެ. އެއީ:

  1. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
  2. އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދް
  3. ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު
  4. ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް

މި ފޯރަމްގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރާނެ ފަހި ފުރުސަތު ތަނަވަސްކޮށްދިނުމާއެކު، އެ ތަންތަނުގެ އެންމެ އިސްވެރިންނާ ސުވާލުކޮށް، ރައްޔިތުންގެ ހުރި ޝަކުވާތަކަށް ސީދާ ޖަވާބު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ދެ ގަޑިއިރަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވޭއިރު، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމާއި ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއާ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ ދަށުން "އަހާ" ފޯރަމް ފެށީ 2024 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ސިލްސިލާގެ ގިނަ ބައްދަލުވުންތަކެއް ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.