ޙާލަތު

Sponsored

Website cover image

ރާއްޖެއަށް ރަޝިއާގެ އަމިއްލަ އެންމެބޮޑު އެއާލައިނުން ދަތުރު ފަށާފި

3 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
165
ބަލާފައި

ރަޝިއާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން، އެސްސެވަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ދަތުރު ފަށައިފިއެވެ.

މިދިޔަ ހުކުރު ދުވަހު މި ދަތުރުތައް ފަށާފައި ވަނީ ރަޝިއާގެ ނޮވޮސިބިރްސްކް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ. މިއީ ވެރިރަށް މޮސްކޯ ފިޔަވައި ރަޝިއާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ އެއާލައިނެވެ. މިއީ 10 ގަޑިއިރުގެ ދަތުރެކެވެ.

މި އެއާލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް އަރުވާފައިވާއިރު، މި އެއާލައިނުން ރާއްޖެ އައި ފަސެންޖަރުންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.

މި އެއާލައިންގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ހޯމަ އަދި ހުކުރު ދުވަހެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުފަހަރެވެ.

ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން، މި ފަހުން ވަނީ ރަޝިއާއަށް ދަތުރުކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ގިނަ މަޝްވަރާތަކެއް ބާއްވައިފައެވެ. އަމީން ވިދާޅުވެފައިވާ ގޮތުގައި އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިންއަކުން ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ.

ރަޝިއާއަކީ ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް 253،217 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.