ޙާލަތު

Sponsored

Website cover image

ލަގްޒަރީ، އަރާމު ދަތުރުތަކަށް ހާއްސަ "ކިންގް އެއާ 360" މަތިންދާބޯޓެއް މޯލްޑިވިއަނުން ގެނެސްފި

9 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
135
ބަލާފައި

ގައުމީ އެއާލައިން، މޯލްޑިވިއަނުން ކިންގް އެއާ 360 މަރުކާޒުގެ މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ގެނެސްފިއެވެ.

"ނިލާ ކޮރަލްސް" އާ ގުޅިގެން ރާއްޖެއަށް ގެނެސްފައިވާ މި މަތިންދާބޯޓު ރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މިއީ ރާއްޖޭގައި ފަށާ ލަގްޒަރީ އުދުހުންތަކަށް ހާއްސަކޮށްގެން ގެނެސްފައިވާ މަތިންދާބޯޓެކެވެ.

މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސުމުން ވަނީ މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް ދީފައެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، މިއަދަކީ ގައުމީ އެއާލައިން އަށް ވަރަށް އުފާވެރި މުހިންމު ކާމިޔާބީއެއް ފާހަގަ ކުރެވިގެންދާ ދުވަހެއް ކަމަށެވެ.

ރާއްޖޭގެ މައިބަދައަކީ ފަތުރުވެރިކަން ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ތަރައްގީވަމުން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

"ފަތުރުވެރިކަން ތަރައްގީވަމުން އެނބުރެމުން ގޮސް ދިވެހި ރާއްޖޭގެ މި ޕްރޮޑަކްޓް ވަރަށް ލަގްޒަރީ ޕްރޮޑަކްޓަކަށް ބަދަލުވަމުން މި އަންނަނީ، ބަދަލު ވަމުންދާއިރުގައި މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ޓުއަރިސްޓުން އެއް މަންޒިލުން އަނެއް މަންޒިލަށް ގެންގޮސްދިނުމަށްޓަކާ އެންމެ ބުރަ މަސައްކަތެއް ކުރަ،މުން މި އަންނަނީ އަލުގަނޑުމެންގެ ކުންފުނީގެ މުވައްޒަފުން، އަޅުގަނޑުމެންގެ ގައުމީ އެއާލައިނުން" ސަލީމް ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި މި މަރުކާގެ ބޯޓެއް އޮޕަރޭޓްކުރަން ފެށި ފުރަތަމަ ފަހަރެވެ. މިއީ މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކޮށް، އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭހެން ފަރުމާކޮށްފައިވާ މި ބޯޓަކީ، ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމާއި ކޯޕަރޭޓް ދަތުރުފަތުރުގެ ދާއިރާއަށް ހާއްސަކޮށްގެން، ފެންވަރު ރަނގަޅު އަދި އަރާމު ދަތުރުތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ބޯޓެކެވެ. މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ނިލާ ކޮރަލްސް އައިލެންޑަށް ކުރާ ހާއްސަ ދަތުރުތަކަށެވެ.

ކިންގް އެއާ 360 އަކީ ކަނޑައެޅޭ ވަކި ވަގުތެއްގައި، މަންޒިލަށް ސީދާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ބޯޓެކެވެ. މީގެ ސަބަބުން ކަނެކްޓިން ފްލައިޓްތަކަށް އިންތިޒާރުކުރަންޖެހޭ ވަގުތު ސަލާމަތްކުރެވި، އަމިއްލަ މިނިވަން ދަތުރެއްގެ ތަޖުރިބާ ފަސިންޖަރުންނަށް ލިބޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށްވެސް މި ބޯޓު ލިބޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޗެއާމަން އަހްމަދު ޝަފީއު ވިދާޅުވީ ފެށިގެން މި ދިޔައީ ކުންފުނީގެ އާ ބާބެއް ކަމަށެވެ. އަދި ދިވެޖިރާއްޖޭގެ ޓުއަރިޒަމް އަކީ ދުނިޔޭގައި ދެވަނައެއް ނެތް ގޮތުގައި ހިދުމަތް ދޭ ލަގްޒަރީ މާކެޓަކަށް ފަރުމާ ކުރެވިފައިވާ ޓުއަރިޒަމް އެއް ކަމަށެވެ.

މޯލްޑިވިއަންގެ ފުޅާ ދަތުރުފަތުރުގެ ނެޓްވޯކާއި ދިގު މުއްދަތުގެ ތަޖުރިބާގެ އަލީގައި، ދަތުރުވެރިންނަށް ރައްކާތެރިކަމާއި، އިތުބާރާއި، ގާތް ހިދުމަތެއް ލިބިގެންދާނެއެވެ. ދެ އިންޖީނުލީ މި ބޯޓަކީ އޭގެ ބާރުމިނާއި، ފެންވަރު ރަނގަޅު ކެބިންގެ ސަބަބުން ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބޯޓެކެވެ. މިއީ ރާއްޖޭގެ ރިސޯޓުތަކަށް އަވަސް އަދި ފަސޭހަ ދަތުރުތަކެއް ކުރުމަށް އެންމެ އެކަށީގެންވާ ބޯޓެކެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާޒް ވިދާޅުވީ، ކިންގް އެއާ 360 ބޯޓު ތައާރަފުކުރުމަކީ އެ އެއާލައިަނަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި ރާއްޖޭގެ ޕްރީމިއަމް ޓްރެވަލް ދާއިރާ ކުރިއެރުވުމަށް މޯލްޑިވިއަނުން ކުރާ މަސައްކަތުގެ ދަށުން، ދަތުރުވެރިންނަށް ފަސޭހަ އަދި އަމިއްލަވަންތަ ދަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިންގް އެއާ 360 ތައާރަފުކުރުމަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތައް އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް މޯލްޑިވިއަނުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ހިންގާ މޯލްޑިވިއަން އެއާލައިނުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާ ފަދަ މުހިންމު މާކެޓުތަކަށް ދަތުރުތައް ކުރެއެވެ. ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އެތެރޭގެ އުދުހުންތަކާއި ސީޕްލޭންގެ ހިދުމަތް ދެނީ މޯލްޑިވިއަންއިންނެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ 25 ބޯޓު ހިމެނެއެވެ. އޭގެ ތެރޭގައި އެއާބަސް A330-200 އެއް، އެއާބަސް A320 އެއް، ފަސް ATR ބޯޓު، ހަތް ޑޭޝް-8 ބޯޓު އަދި 11 ޓްވިން އޮޓާ ސީޕްލޭން ހިމެނެއެވެ. މޯލްޑިވިއަންގެ އަމާޒަކީ ދިވެހިވަންތަ މެހެމާންދާރީއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.