މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާ ކުރުމުގެ ގޮތުން "މަނީ ޗޭންޖާ ސިސްޓަމް" އިފްތިތާހުކޮށްފިއެވެ.
މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.
އެމްއެމްއޭ އިން ވިދާޅުވި ގޮތުގައި މިއީ މަނީ ޗޭންޖިން ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލް ކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ސިސްޓަމްގެ ސަބަބުން، އިދާރީ މަސައްކަތްތައް އޮޓޮމޭޓް ކުރެވި، އެމްއެމްއޭ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ ފަސޭހަކަމާއެކު ކުރެވިގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
އަދި މުއާމަލާތްތައް ރިކޯޑްކުރުމަށާއި ރިޕޯޓްކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަން ފާހަގަކޮށްފައިވެއެވެ.
އެގޮތުން މި ސިސްޓަމް މެދުވެރިކޮށް ގަވާއިދުން ފޮނުވަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް ހުށަހެޅޭނެކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
އަންނަ މަހުގެ 1 އިން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް ރިޕޯޓް ކުރުމަށް ބޭނުންކުރާނީ މި ސިސްޓަމެވެ.