ޙާލަތު

Sponsored

Website cover image

ރިވެލި އެވޯޑު މިއަދަހަރު 8 ފަރާތަކަށް

7 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
216
ބަލާފައި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ރިވެލި އެވޯޑު މި އަހަރު އަށް ފަރާތަކަށް މިރޭ ލިބިއްޖެ އެވެ.

ރިވެލި އެވޯޑު މި އަހަރު ދިނީ ހަ ދާއިރާއަކުންނެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ އާއި އެކި ރޮނގުރޮނގުން ރީތި ނަމާއި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ ފަރާތްތަކުގެ ދާއިރާ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ އެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްދޭ އަމިއްލަ ޖަމިއްޔާތަކުގެ ދާއިރާ އާއި ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާއަށް ވެސް މިރޭގެ ޖަލްސާގައި އެވޯޑު ދިނެވެ. 

މި އަހަރުގެ ރިވެލި އެވޯޑަށް 25 ފަރާތަކުން ނަން ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން އެވޯޑު ދޭން އެކަމާ ގުޅޭ ކޮމެޓީން ނިންމީ އަށް ފަރާތަކަށެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ހަތަރު މީހަކާއި އެ މީހުންގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރާ ހަތަރު ފަރާތެކެވެ.

އެވޯޑު ލިބުނު ފަރާތްތައް:

  • އަލީ ސަމީމް -  ރިހިވެލި، ހދ. ކުރިނބީ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީ)
  • އައިޝަތު ޝަފީގު - ހ. ޝަފީގުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީ)
  • މުހައްމަދު ނާހިލް ސަލާމް - އަސަރުމާގެ، ސ. މަރަދޫ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީ)
  • އަބްދުއްރައްޒާގު އަބްދުއްސަމަދު، ހަވީރީނާޒް، ށ. ބިލެތްފަހި (އެކި ގޮތްގޮތުން ރާއްޖެއަށް ރީތި ނަން ހޯދައިދޭ މީހުން) 
  • އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)
  • ފާތިމަތު މުހައްމަދު - އަލްފަލާ، ހދ. ކުޅުދުއްފުށި (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާ)
  • އެޗްޑީސީ (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާ) ސަރުކާރު ކުންފުނިތަކުގެ ކެޓަގަރީ. 
  • ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް - (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާ) އަމިއްލަ ފަރާތްތަކުގެ ކެޓަގަރީ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ފުރަތަމަ ފަހަރަށް ގައުމީ ޔުނިވާސިޓީން ބެޗެލާސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ފުރިހަމަ ކޮށްފައިވާތީ އެކަން ފާހަގަކޮށް ހެލްތު މިނިސްޓަރު ގީލާ އަލީ ދެއްވާ ހަނދާނީ ފިލާއެއް ވެސް ދީފަ އެވެ. އެ ޝަރަފު ލިބުނީ ށ. ކޮމަންޑޫ، އެންދެރިމާގޭ، އިސްމާއިލް ރާހިލް އަށެވެ.  

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީ އާއި އެ މީހުންގެ ލާބަ އާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކުރުމަށް 2012 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ. 

މިހާތަނަށް ރިވެލި އެވޯޑު ފަސް ފަހަރެއްގެ މަތިން ދީފައިވާއިރު، އެވޯޑު 67 ފަރާތަކަށް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ 30 މީހަކާއި އެފަދަ މީސްމީހުންގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރާ 37 ފަރާތެކެވެ.