ޙާލަތު

Sponsored

Website cover image

ރާއްޖޭގެ ދަރަނި އަދާކުރަންޖެހޭ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ

5 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
136
ބަލާފައި

ރާއްޖެ އިން އެކްސްޕޯޓުކުރާ މިންވަރާއި ގައުމީ އާމްދަނީއާ އަޅާބަލާއިރު ދަރަނި އަދާކުރަންޖެހޭ ބުރަ (ޑެޓް ސާވިސް) ބޮޑުތަނުން އިތުރުވެ، ދައުލަތުގެ ބޭރުގެ ޖުމްލަ ދަރަނި 4,7 ބިލިއަން ޑޮލަރަށް އަރާފައިވާކަން ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.


ވޯލްޑް ބޭންކް ގްރޫޕްގެ އިންޓަނޭޝަނަލް ޑެޓް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ 2025ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ އެކްސްޕޯޓާއި އަޅާބަލާއިރު ޑެޓް ސާވިސް ވަނީ 19.3 އިންސައްތަ އިތުރުވެފައެވެ. މިއާ އެކު އެކްސްޕޯޓުގެ ނިސްބަތުން ޑެޓް ސާވިސްގެ ނިސްބަތް އުޅެނީ 11 އިންސައްތައިގައެވެ. މީގެ އިތުރުން ޖީއެންއައި (ގައުމީ އާމްދަނީ)އާއި އަޅާބަލާއިރު ޑެޓް ސާވިސް ވަނީ 22.9 އިންސައްތަ އިތުރުވެ، 10 އިންސައްތައަށް އަރާފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024ވަނަ އަހަރާ އަޅާބަލާއިރު 2025ވަނަ އަހަރު ރާއްޖޭގެ ބޭރުގެ ޖުމްލަ ދަރަނި 0.7 އިންސައްތަ ވަނީ އިތުރުވެފައެވެ. މިއާއެކު ޖުމްލަ ދަރަނި 4.7 ބިލިއަން ޑޮލަރު އަށް އަރާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުންނާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ ގޮތުގައެވެ.

އެގޮތުން އެބައިގެ ޖުމްލަ އަކީ 4،1 ބިލިއަން ޑޮލަރެވެ. އަދި ޕްރައިވެޓް ނޮން-ގެރެންޓީޑް ދަރަނީގެ ގޮތުގައި 350 މިލިއަން ޑޮލަރާއި ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި 206 މިލިއަން ޑޮލަރު ހިމެނެއެވެ.

ދައުލަތުގެ ދަރަނީގެ ތެރެއިން ދޭދޭ ގައުމުތަކުން ނަގާފައިވާ (ބައިލެޓަރަލް) ދަރަނި 2،4 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތީ އިންޑިއާއަށެވެ. އެއީ 1،2 ބިލިއަން ޑޮލަރެވެ. ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތް ޗައިނާއަށް ދައްކަންޖެހޭ އަދަދު 682 މިލިއަން ޑޮލަރަށް އަރާއިރު، މަލްޓިލެޓަރަލް ނުވަތަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނަގާފައިވާ ދަރަނި 639 މިލިއަން ޑޮލަރުގައި ހުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޕްރައިވެޓް ކްރެޑިޓަރުންގެ އަތުން ނަގާފައިވާ ދަރަނީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ހިމެނެއެވެ.

ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި އޮފިޝަލް ކްރެޑިޓަރުންގެ އަތުން އަލަށް ނަގާފައިވާ ދަރަނިތަކަށް ބަލާއިރު، އެވްރެޖްކޮށް ރާއްޖެއަށް ދަރަނި ދައްކަން 15 އަހަރުގެ މެޗޫރިޓީ މުއްދަތެއް ލިބެއެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި 4 އަހަރު ލިބޭއިރު، އިންޓަރެސްޓް ރޭޓަކީ 2.5 އިންސައްތައެވެ. ޑެޓް ސާވިސް އިތުރުވި ނަމަވެސް، އެކްސްޕޯޓާއި އަޅާބަލާއިރު އެކްސްޓާނަލް ޑެޓް ހުރި މިންވަރު ވަނީ 11.9 އިންސައްތަ ދަށަށްގޮސް 76 އިންސައްތައަށް ތިރިވެފައެވެ.