ހުޅުމާލޭގައި ތަރައްގީ ކުރާ ވޯޓާ ތީމް ޕާކުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލުކޮށް، ވީހާވެސް އަވަހަށް އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށާއި އެންމެ ގިނަވެގެން ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި އެތަން ވެސް ނިމި ހަގީގަތަކަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހި ނިރޮޅުމަގު، ނިމޭ ހިސާބުގައި އޮންނަ އެ ބޮޑު ބިން ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ 2017 ގައެވެ. އެކަމަކު، އެކިއެކި ސަބަބުތަކާ ހުރެ، އެ މަޝްރޫއު އެއްކޮށް ނިންމާނުލެވުނު އިރު، ކޮންކްރީޓްގެ ގިނަ މަސައްކަތްތަކެއް ހުރީ ފުރިހަމަކޮށްފައެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި އޮންނަ ބިމުގައި ހަދާ ވޯޓާ ތީމް ޕާކްގައި، ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ހާއްސަކޮށް ވޯޓާ ސްލައިޑްސްތަކާއި އެހެނިހެން ފެސިލިޓީސްތައް ގާއިމުކުރުމަށް ރާވާފައި އޮތެވެ. އޭގެ ތެރޭގައި ކިޑްސް ޕޫލް، ބަމްޕާ ބޯޓްސް، ވޯޓާ ހައުސެސް، ވޯޓާ ރޯލާސް، ވޯޓާ ގީރޯ، އެކުއާ ލޫޕަސް، އަދި ފައުންޓޭން ސްކޮޔާ އާއި ރިވާވެސް ހިމެނެއެވެ.
އޭގެ އިތުރުން، އޯވާ ވޯޓާ ރެސްޓޯރެންޓަކާއި، އޯވާ ވޯޓާ ސްޕާއަކާއެކު، ހޮޓަލެއްވެސް މި ތީމް ޕާކުގައި އެޅުމަށް ޕްލޭންގައި އޮތެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހުއްޓިފައިވާ ވޯޓާ ތީމް ޕާކްގެ މަސައްކަތް ކުރިއަށް ދާނެ ގޮތެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އޭގެ މާ ބޮޑު ތަފްސީލެއް ރައީސް ނުދެއްވައެވެ.
ރައީސް ހަމައެކަނި ވިދާޅުވީ އެޗްޑީސީން އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެޗްޑީސީގެ އެމްޑީއާ ސުވާލު ކުރިން ތިކަމާ. ވިދާޅުވި، ދެން ވަރަށް އަވަހަށް އަމަލީ މަސައްކަތްތައް ފެށިގެން ގޮސް އެންމެ ގިނަވެގެން، އަހަރެއް، ދޮޅު އަހަރު ތެރޭގައި ނިންމާލެވޭނެއޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުއްޓިފައިވާ މަޝްރޫއުތަކުގެ ތެރެއިން ވޯޓާ ތީމް ޕާކް މަޝްރޫއަކީ ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ މަޝްރޫއެއް ކަމަށެވެ.
ވޯޓާ ތީމް ޕާކް މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި ޖާގަ ތަނަވަސް، ބޯލިން އެރީނާއެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑޯ ފުޓްސަލް ކޮމްޕެލެކްސްއަކާއި ނެޓްބޯޅަ ކޮމްޕްލެކްސްއެއްގެ މަސައްކަތް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ގޯ ކާޓް އޭރީނާއެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ތަންތަނަކީ މި ދައުރުގެ ތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ތަންތަނެވެ.
މި ތަންތަނުގެ އިތުރުން މާލޭގައި އާކޭޑް ގޭމް ކުޅެވޭނެ ތަނަކާއި ކުޑަކުދިން ކުޅޭނެ އިންޑޯ ސެންޓަރަކާއި އީ ގޭމިން ސެންޓަރުތައް އަންނަ އަހަރު ނިމެންވާއިރަށް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލޭގައި ގާއިމުކުރާ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި ޕާކިސްތާނުގެ ސަރުކާރުން ހަދިޔާކުރި، ކްރިކެޓް ސްޓޭޑިއަމް ވެސް އެޅިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެއިތުރުން ގަލޮޅު ދަނޑު، ތަރައްގީ ކުރާނެ ގޮތުގެ ތަފްސީލްތައް ވެސް އެމަނިކުފާނު ދެއްވިއެވެ.