ޙާލަތު

Sponsored

Website cover image

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކަށް ނައިބު ރައީސް ފުރާވަޑައިގެންފި

4 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
435
ބަލާފައި

ކޮމަންވެލްތުގެ އިސްވެރިންގެ 28ވަނަ ބައްދަލުވުން (ޗޮގަމް 2026)ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް މިއަދު އެންޓީގާ އެންޑް ބާބިއުޑާއަށް ފުރާވަޑައިގެންފިއެވެ.

ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާ އެކު ނައިބު ރައީސް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، ޗޮގަމްގެ އާންމު ޖަލްސާތަކުގެ އިތުރުން ހަވާސާގައި ކުރިއަށްދާ އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވުމަށާއި، މަތީ ފަންތީގެ މަޝްވަރާތަކުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ނޮވެމްބަރު 1އިން 4އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓް ކުރިއަށްދާނީ "އެކްސެލެރޭޓިން ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށް، އެންމެންގެ ހިއްސާ އޮންނަ އިގްތިސާދީ ކުރިއެރުމެއް ހޯދުމެވެ.

މި ސަމިޓަކީ ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުގެ ވިލުންވެރިކަން އިތުރުކުރުމާއި، ބައިނަލްއަގްވާމީ ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެއެވެ.