ޙާލަތު

Sponsored

Website cover image

ހުޅުމާލޭގައި އެމްޓީޑީސީން ތަރައްޤީކުރި އައު އޮފީސް އިމާރާތް ހުޅުވައިފި

4 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
45
ބަލާފައި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން ހުޅުމާލޭގައި ތަރައްޤީކުރި އައު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސެންޓްރަލް ޕާކު ކުރިމަތީގައި ހުންނަ މި ޒަމާނީ އިމާރާތް ހުޅުއްވައިދެއްވީ، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

ޖުމްލަ 10 ފަންގިފިލާ ހިމެނޭ މި އިމާރާތަކީ 6،195.27 އަކަފޫޓުގެ ބިމެއްގައި، 3،345 އަކަފޫޓުގެ ބޮޑުމިނުގައި ބިނާކޮށްފައިވާ ތަނެކެވެ. މި އިމާރާތުގައި އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއްގެ އިތުރުން ބޭސްމަންޓް ޕާކިންގެ ހިދުމަތް ހިމެނެއެވެ.

އެމްޓީޑީސީން ބުނީ މި އިމާރާތަކީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށާއި، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އިމާރާތުގެ އެކި ބައިތައް ކުއްޔަށް ދީގެން ކުންފުންޏަށް މާލީ ގޮތުން ދެމެހެއްޓެނިވި ނަފާއެއް ލިބޭނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

މި މަޝްރޫއުގެ ބިން ގަތުމަށް އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރީ 30 މޭ 2022 ގައެވެ. އިމާރާތް ކުރުމުގެ މަސައްކަތް ހުނާން ސިކްސް އިންޖިނިއަރިންއާ ހަވާލުކުރީ 25 ސެޕްޓެމްބަރު 2023 ގައެވެ. މި އިމާރާތުގެ ބިންގާ އަޅާފައި ވަނީ 17 ޖުލައި 2024 ގައެވެ.

ފަތުރުވެރިކަމުގެ ނަފާ އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި 2006ވަނަ އަހަރު އުފެއްދި އެމްޓީޑީސީން ބުނީ، އައު އޮފީސް އިމާރާތާ އެކު ކުންފުނީގެ މަސައްކަތްތައް ހަރުދަނާވެ، ކުންފުނީގެ އަމާޒުތަކަށް ވާސިލްވުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.